ފުނަދޫ ސްކޫލް ޔުނިޓީ ރީޑިންގ ޕާރކް

142

ތައުލީމީ ދާއިރާގައި އެންމެ މުހިއްމު އެއްކަމަކީ ކިޔުންތެރިކަމުގެ އާދަ އަށަގެންނެވުމެވެ. މޮޅު ލިޔުންތެރިއަކަށް ވުމަށްވެސް ކިޔުންތެރިއަކަށް ވުން މުހިއްމެވެ. މައުލޫމާތު މުއްސަނދިކުރުމެވެ. އެކަން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. ސްކޫލް މާހައުލަކީ މިކަމަށް ފަހި, އެކަށޭނަ މާހައުލަކަށް ވުމަކީ މިއަދު މުހިއްމުކަމެކެވެ. ކުދިން ކިޔުންތެރިކަމަށް ޝައުޤު އުފެއްދޭނީ އެކަމަސް ފަހި މާހައުލެއް ނުވަތަ މާހައުލުތަކެއް ޤާއިމްކޮށްދީގެންނެވެ.

ފުނަދޫ ސްކޫލްގެ ޔުނިޓީ ރީޑިންގ ޕާކަކީ އެފަދަ ހިތްގައިމު މާހައުލެކެވެ. ސްކޫލްގެ ގޯތި ތެރޭގައި ޕާކެއްގެ ތެރޭގައި ތައްޔާރުކޮށްފައިވާ ލައިބްރަރީއަކީ ހިތްފަސޭހަ, ހިތްގައިމު މާހައުލެކެވެ. ގުދުރަތީ މާހައުލެއްގައި ފޮތުގެ ތެރެއަށް ވިސްނުން ދޫކޮށްލަން ސަޅި މާހައުލެކެވެ.

ރީޑިންގ ޕާކްގައި ދަރިވަރުން ފޮތް ކިޔަނީ

މިއީ 2022 ވަނަ އަހަރު ނިމެން ދަނިކޮށް ފުނަދޫ ޔުނިޓީ ސްޕޯރޓްސް އެކަޑަމީން ފުނަދޫ ސްކޫލަށް ދިން ހަދިޔާއެވެ. ފުނަދޫގެ ތައުލީމީ ކުރިމަގަށް ދިން އަގުހުރި ހަދިޔާއެކެވެ.

މިއީ ށ.އަތޮޅު ކައުންސިލްގެ ޕްރޮޖެކްޓެއް ކާމިޔާބުކޮށް, ޔުނިޓީ ސްޕޯރޓްސް އެކަޑަމީން ރަށުގެ ތައުލީމަށް ކުރި ބޮޑު އިންވެސްޓްމަންޓެކެވެ. މިތަން ތައްޔާރުކުރުމުން ކުދިންގެ ކިޔުންތެރިކަމުގެ ޝައުޤު އިތުރުވެ, ކިޔުންތެރިކަމަސް ހޭދަކުރާ ވަގުތު އިތުރުވިކަން ސްކޫލުން ފާހަގަކުރައްވައެވެ.

ރީޑިންގ ޕާކްގައި ދަރިވަރަކު ފޮތް ކިޔަނީ

ސްކޫލް ޓައިމް ޓޭބަލްގެ ތެރެއިން އަދި ކުދިން އަމިއްލަ ޝައުޤާއެކު ޓައިމް ޓޭބަލްގެ ބޭރުންވެސް ކުދިން އެލައިބްރަރީގައި ފޮތާއެކު ވަގުތު ހޭދަކުރުމަކީ ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރުންނަށްވެސް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. ނަތީޖާ މިހާރުވެސް ފެންނަމުންދާކަން ސްކޫލުން ފާހަގަކުރައްވައެވެ. އެގޮތުން ކުދިންގެ މައުލޫމާތު މުއްސަނދިވެ, އިބާރާތްކުރުމުގެ ފެންވަރު މިހާރުވެސް ރަނގަޅުވަމުންދާކަން ފާހަގަކުރެއްވިއެވެ.

ކުދިންނަށް ލިބޭ ހުސްވަގުތުގައި ކުދިން އަމިއްލައަށް އައިސް ފޮތްކިޔަން މިތާ ތިބޭކަން ފާހަގަކުރެވޭ, އެއްވެސް މީހަކު ނުބުންޏަސް. ސެޝަން ނިންމާފަ ގެއަށް ނުގޮސްވެސް މިތާ މަޑުކޮށްލައިގެން އެބަތިބޭ. ފޮތް ކިޔުން އިތުރުވީމަ ކުދިންގެ ލިޔުންތެރިކަމަށް ވަރަށްބޮޑު ބަދަލެއް އާދޭ. އިބާރާތްކުރުމާއި ކުދިންގެ ބަސްކޮށާރު ވަރަށްބޮޑުތަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ.

ފާތިމަތު ހަފްސާ- ފުނަދޫ ސްކޫލްގެ ޕްރިންސިޕަލް

ހިތްފަސޭހަ މައިދާނެއްގައި, ޕާކެއްގެ ތެރޭގައި ފޮތްކިޔަން ތިބުމުގެ ފުރުޞަތު ލިބުމުން އެކަމަށް ޝައުޤުވެރިކަން އިތުރުވިކަން ކުދިންވެސް ފާހަގަކުރިއެވެ. ދަރިވަރުން ބުނީ ސްކޫލްގެ މިމާހައުލަކީ ފޮތް ކިޔުމަށް ވަރަށް ހިތްގައިމު އުފާވެރި މާހައުލެއް ކަމަށެވެ. އެފަދަ މާހައުލެއްގައި އެއްޗިހި ދަސްކުރަންވެސް ފަސޭހަކަން ކުދިން ފާހަގަކުރިއެވެ. ފޮތް ކިޔުމުގެ އިތުރުން ބޯޑް ގޭމް ކުޅުމުގެ ފުރުޞަތުވެސް ރީޑިންގ ޕާކްގައިވަނީ ތަނަވަސްކޮށްދީފައެވެ.

ޕާކްގައި ދެ ދަރިވަރުން ބޯޑް ގޭމް ކުޅެނީ

މިމަސައްކަތުގެ އެންމެ ބޮޑު ޝުކުރެއް ހައްޤުވަނީ ފުނަދޫ ޔުނިޓީ ސްޕޯރޓްސް އެކަޑަމީއަށެވެ. ކްލަބް ޖަމްއިއްޔާތަކުން ކުރާ މިފަދަ ޚިދުމަތްތަކުގެ ފައިދާ ދާއިމަށް ކުރާނެއެވެ. މިއީ ޝުކުރު ހައްޤު ބޮޑު އިންވެސްޓްމަންޓެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.