ކުޑަރިކިލު އިބްރާހީމްފުޅު މިއުޒިއަމް- ތައުލީމާއި ތާރީޚަށް އޮތް ލޯބީގެ ރަމްޒެއް!

777

1985 ވަނަ އަހަރު ދަރިވަރުންނަށް ސޯޝަލް ސްޓަޑީޒް ކިޔަވައިދޭން އުޅުނުއިރު ބ.ކުޑަރިކިލު އިބްރާހީމްފުޅަށް ކުރިމަތިވި ދަތިތަކާއި, ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް ހައްލަކަށް ވިސްނުނީ ރާއްޖޭގެ މުއްސަނދި ތާރީޚު ދައްކައިދެވޭނެ, ބުނެދެވޭނެ, މިއުޒިއަމްއެއް ހެދުމެވެ. އެމަސައްކަތް މަޑުމަޑުން ފެށީ ރާއްޖޭގެ އުތުރާއި ދެކުނުން ތާރީޚާއި, މަސައްކަތްތެރިކަން ދައްކުވައިދޭ ސާމާނު އެއްކުރުމާ ހަމައިންނެވެ. އެމަސައްކަތަށްފަހު މިއުޒިއަމްއެއްގެ ގޮތުގައި ތަނެއް ހުޅުވޭވަރުވީ 2001 ވަނަ އަހަރުއެވެ.

ބ.ކުޑަރިކިލުގައި އެހުރި އިބްރާހީމްފުޅު މިއުޒިއަމްއަކީ އެތަނެވެ. ތައުލީމާއި ތާރީޚަށް އިބްރާހީމްފުޅުގެ ހިތުގައި އޮތް ޝައުޤާއި ލޯބީގެ ރަމްޒެކެވެ. އެތަނުން ދިވެހިންގެ ތާޜީޚާއި, ކާބަފައިގެންގެ ދިރުއުޅުން ތަސައްވަރުކޮށްލެވޭނެއެވެ. އެތަނުގައި ކުރީޒަމާނުގެ ސީނު ތައްޓާއި, މަލާފަތާއި, ސަރުކާރު ތިޖޫރީވެސް އެބަހުއްޓެވެ. އެނޫންވެސް ގިނަ ސާމާނުތައް ހުރިއިރު އޭގެތެރޭގައި ސަތޭކައަށްވުރެ ގިނަ އަހަރުވީ ސާމާނު ހިމެނެއެވެ.

ކާފަގެ ހަތިމުވެސް ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވާނެ. ދެން އެހެން ހުރި ދުވަސްވެފަހުރި އެއްޗިހި ހައްތަހާވެސް ތިހުރީ. އިބްރާހީމް ނާސިރު ދުވަސްވަރު އެއްޗިހިވެސް އެހުރީ ނީލަމުން ނަގައިގެން ގެނެސްފަ.

އިބްރާހީމް ލުޠުފީ- މިއުޒިއަމް ބަލަހައްޓާ ފަރާތް

މިއުޒިއަމްއެއްގެ ގޮތުގައި އެތަން މިއަދު ފެންނަން އެހުރީ އިބްރާހީމްފުޅު ކުރި ބުރަ މަސައްކަތާއި, ބޮޑު ހޭދައިގެ ނަތީޖާއެއްގެ ގޮތުންނެވެ. އެމިޒިއަމް މުއްސަނދިކޮށްފައި އެވަނީ މީހުން އަތުން ގަނެފައި ހުރި ތާރީޚާއި ގުޅުންހުރި މުހިއްމު ސާމާނުންނެވެ. އޭގެތެރޭގައި ވަރަށްބޮޑު އަގުގައި ގަނެފައިހުރި އެއްޗިހި ހިމެނެއެވެ. އަދި މީހުން ހަދިޔާކޮށްފަހުރި އެއްޗިހިވެސް ކޮންމެސްވަރަކަށް ހިމެނެއެވެ.

ތުރާކުނުން ފެށިގެން ފުވައްމުލަކާ ދެމެދު އެކި ރަށްރަށުން ގެނެސްފަހުރި ސާމާނު ހުންނާނެ.

އިބްރާހީމް ލުޠުފީ- މިއުޒިއަމް ބަލަހައްޓާ ފަރާތް

އެމިއުޒިއަމް މިހާރު ވެފައިވަނީ ކުޑަރިކިލަށް މީހުން ޒިޔާރަތްކުރާ, ޒިޔާތަތްކުރަންޖެހޭ މައިގަނޑު އެއް ސަބަބަށެވެ. ދިވެހިންގެ އިތުރުން ބިދޭސީންވެސް މިއުޒިއަމްއަށް ޒިޔާރަތްކުރެއެވެ.

އިބްރާހީމްފުޅަކީ ގިނަ މާއްދާތަކެއް ދަރިވަރުންނަށް ކިޔަވައިދެއްވި މުދައްރިއްސެކެވެ. 1979 ވަނަ އަހަރު ކިޔަވައިދެއްވަން ފެއްޓެވި އިބްރާހީމްފުޅު ކިޔަވައިދެއްވި މާއްދާތަކުގެ ތެރޭގައި ދިވެހި, އިސްލާމް, ސޯޝަލް ސްޓަޑީޒް, ޕްރެކްޓިކަލް އާރޓް, އަރަބި, ތާނަ, ޤުރުޢާން ހިމެނެއެވެ.

ދަރިވަރުންނަށް އުގަންނައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިން ހުޅުވި މިއުޒިއަމް މިއަދު ވެފައިވަނީ އެއަށްވުރެ މާއަގުބޮޑު މުއްސަނދި މިއުޒިއަމްއަކަށެވެ. ނަމޫނާ މަސައްކަތަކަށެވެ. އަމިއްލަ ގޭގައިހުރި މިއުޒިއަމް މިއަދުވެސް ފަރުވާތެރިކަމާއެކު އެދަނީ ބަލަހައްޓަމުންނެވެ.

ނޯޓް: މިއީ 2019 ވަނަ އަހަރު ކުޑަރިކިލަށް ކުރި ދަތުރުގައި ތައްޔާރުކުރި ވީޑިއޯ ރިޕޯޓް އަސްލަކަށް ބަލައިގެން ލިޔެވައިވާ ރިޕޯޓެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.